
ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ “ހޮޓެލް އޭޝިއާ އެގްޒިބިޝަން 2026″ގައި، މުޅިން އައު ބްރޭންޑެއް ތައާރަފުކުރުމާއި ހާއްސަ ޕްރޮމޯޝަންތަކަކާ އެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބައިވެރިވާން ނިންމައިފިއެވެ.
ދައުލަތުގެ މައި ވިޔަފާރި ކުންފުނިން އެސްޓީއޯއިން ހާމަކުރިގޮތުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މާދަމާއިން ފެށިގެން މި މަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާ މި މައުރަޒުގައި އެ ކުންފުނީގެ ސްޓޯލްތައް ބިނާކޮށްފައި ހުންނާނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ޖެނެރަލް ޓްރޭޑިންގ އަދި އެނާޖީގެ ހިދުމަތްތަކަށެވެ. މިގޮތުން، ޕީޕަލްސް ޗޮއިސް އިން ވިއްކާ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކޮށްދޭ ލައިވް ސްޓޭޝަނެއް ސްޓޯލްގައި ހުންނާނެއެވެ. އަދި ފެއަރ ކުރިއަށްދާ ތިން ދުވަހުވެސް “ކޮފީސްޓޭޓް”ގެ މީރު ބުއިންތައް ހިލޭ ލިބޭނެ މަގު ފަހިކޮށްދީފައިވާއިރު، އެ ކުންފުނިން އެތެރެކުރާ މުދަލުގެ މައުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.
މި މައުރަޒުގެ ތެރެއިން އެސްޓީއޯއިން މުޅިން އައު ބްރޭންޑެއް ބާޒާރަށް ނެރުމަށް ވަނީ އަމާޒުހިފާފައެވެ. އެގްޒިބިޝަންގެ ދެވަނަ ދުވަހު އޮންނަ މި ހަރަކާތުގައި، އަލަށް ތައާރަފުކުރާ ބާވަތްތަކުން އުފައްދާފައިވާ އައިސްކްރީމާއި ފޮނިކާތަކެތި ރަހަބަލައިލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ރިސޯޓުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމާ ގުޅޭގޮތުން އެސްޓީއޯ އެނާޖީއިން ހާއްސަ މައުލޫމާތުތަކެއް ހިއްސާކުރުމާ އެކު، ކަސްޓަމަރުންގެ ޑިމާންޑުތައް ހުރިގޮތް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެއެވެ.
ފެއަރއަށް ޒިޔާރަތްކުރާ އާންމުންނަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ގިނަ ހަރަކާތްތަކެއް ސްޓޯލްގައި ކުރިއަށްދާނެއެވެ. އެގޮތުން ސްޓޯލްގައި ރަޖިސްޓަރީވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކު އިނާމެއް ދޭ “ރެޖިސްޓަރ އެންޑް ވިން” ޕްރޮމޯޝަން ވަނީ ފަށާފައެވެ. ހަމައެހެންމެ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ފޮލޯކޮށްގެން ޑިޝްވޯޝަރެއް ކާމިޔާބުކުރުމުގެ ފުރުސަތު “ފޮލޯ އެންޑް ވިން”ގެ ނަމުގައި ވަނީ ހުޅުވާލާފައެވެ.

