
ހަލުވިކަމާ އެކު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަމެއް މިދުވަސްވަރު ފެތުރެމުންދާތީ، އެކަމަށް އާންމު ރައްޔިތުން އިންތިހާއަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މީސްމީޑިއާގެ މަންސައެއް ކަމަށްވާ ‘އެކްސް’ގައި އެ އިދާރާއިން އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަލިތަކުން ސަލާމަތްވުމަށްޓަކައި ސާފުތާހިރުކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، ބަލީގެ އަސަރު ބޮޑުވެ، އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، ހަށިގަނޑުން ވަރުދެރަވުމުގެ އިތުރުން ދިޔާތަކެތި ބޭނުން ނުކުރެވޭ މިންވަރަށް ހާލަތު ގޯސްވެ، މެދުކެނޑުމެއްނެތި ހޮޑުލެވޭނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.
ބަލި ޖެހިއްޖެ ހާލަތެއްގައި ގޭގައި ދެވިދާނެ ފަރުވާތަކާއި އަމަލުކުރަންވީ ގޮތްތައް ވެސް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ލޮނުޕެކެޓާއި ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ވީހާވެސް ގިނައިން ބުއިމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހުގައާއި ކާތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވެ ސެނިޓައިޒް ކުރުމަށް އަންގާފައިވެއެވެ. ހަމައެހެންމެ، ބަލީގެ އަލާމާތްތައް ފެންނަ ނަމަ، އެ އަލާމާތްތައް ފިލައިދާތާ 24 ގަޑިއިރު ވަންދެން ވަޒީފާއަށް ނުކުތުމާއި ކުދިން ސްކޫލަށް ފޮނުވުން މަޑުޖައްސާލައި، ގޭގައި އަރާމުކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

