
އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު މަހުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި މިފްކޯގެ އައު ފިހާރައެއް ހުޅުވި، އެ އުފެއްދުންތައް ހެޔޮ އަގުގައި ލިބުމަކީ އާންމުންގެ ޖީބަށް އޮތް ލުޔެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ އިތުބާރު ހޯދާފައިވާ މިފްކޯގެ އުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހެޔޮ އަގެއްގައި ލިބެން ހުރުމަކީ ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ލިބިގެންދާނެ ނުހަނު ބޮޑު ލުޔެކެވެ. އެގޮތުން އައްޑޫގައި މި ފިހާރަ ހުޅުވިގެން ދިޔުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަމަށާއި، މިއީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭނެ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ދުވަހަކަށްވުރެ ދުވަހެއް މާކެޓަށް އައު އުފެއްދުންތައް ތަޢާރަފުކުރަމުން އަންނަ މިފްކޯއިން، ރައްޔިތުންނާ ގާތުން މިފަދަ ފަސޭހަތައް ފޯރުކޮށްދިނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޤައުމީ މަސް ކުންފުނި އޮތީ މާލީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، ކެޕޭސިޓީ ފުޅާކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ކާމިޔާބުކަމާ އެކު ދަނީ ހިންގަމުންނެވެ.

