
ސިޔާސީ ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ އެކިއެކި އެއްވުންތަކާއި ޖަލްސާތަކުގައި، ސާބިތުކޮށްނުދެވޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާތީ، ޤާނޫނީ އިމުގެ ތެރެއިން ޒިންމާދާރުކަމާ އެކު ޚިޔާލުފާޅުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް މިއަދު ގޮވާލައްވައިފިއެވެ.
ދައުލަތުގެ އިންތިޚާބުތަކާ ބެހޭ މައި އިދާރާއިން އާންމުކުރި ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، ކަނޑައެޅިގެން ދޮގުކަން އެނގޭ، އަދި ހެއްކެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް އެހެން ޕާޓީތަކަށާއި މެންބަރުންނަށް ފާޑުކިޔުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފު ކަމެކެވެ. ޚާއްޞަކޮށް އެ ޤާނޫނުގެ 45ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި، 7ވަނަ މާއްދާގެ (ހ)ގެ ދަށުން މަނާކޮށްފައިވާ ކަންކަމުން ދުރުހެލިވުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ވާނީ، އެހެން ފަރާތްތަކުގެ އަބުރަށް އުނިކަން ނާންނާނެހެން ވަރަށް ޒިންމާދާރު ގޮތެއްގައިކަމަށް އީސީން ބުނެފައިވެއެވެ. އޭގެ ބަދަލުގައި މުޖުތަމަޢުގައި ފިތުނަ އުފެދޭފަދަ، އަދި ރާއްޖޭގެ ޤާނޫނުތަކާ ފުށުއަރާފަދަ އެއްވެސް ޢަމަލެއް ސިޔާސީ ޕްލެޓްފޯމުތަކުގައި ނުކުރުމަށް ކޮމިޝަނުން ވަނީ އަންގަވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ދާދިފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ. މި މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުން، އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ފުލުހުންނަށް ލިޔުމުން ޖަވާބުދެއްވާފައެވެ. މިއާ އެކު، މުއައްސަސާތަކުގެ އިތުބާރު ގެއްލޭފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، މީހުންގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، މީގެ ކުރިންވެސް އީސީން ވަނީ ޕާޓީތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.

