
ނ. އަތޮޅު ހެނބަދޫއާއި ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީކުރި ދެ ޕާކު ރަސްމީކޮށް ޢާންމުންނަށް ހުޅުވާލައިފިއެވެ.
ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ހެނބަދޫގައި ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމައި އެ ޕާކު ހުޅުވައިދެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިނާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ނ. ހެނބަދޫގައި ފެނަކަ… pic.twitter.com/p9kk2295zX
— Fenaka Corporation Ltd (@TeamFenaka) August 8, 2026
މީގެ އިތުރުން، ކެނދިކުޅުދޫގައި ހެދި ޕާކަކީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ޒަމާނީ ފެންވަރަށް، ކުދިންނަށް ހިތްފަސޭހަ މާޙައުލެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ތަން ހުޅުވައިދެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ. މި ޙަފުލާގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމާއި ދާއިރާގެ މެންބަރު ވެސް ބައިވެރިވެވަޑައިގަތެވެ.
މި ދެ މަޝްރޫޢަކީ ވެސް ރަށްރަށުގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް، ޢާއިލާތަކާއި ކުޑަކުދިންނަށް ހިތްހަމަޖައްސާލައި ކުޅިވަރުކުޅެ ވަގުތު ހޭދަކުރެވޭނެ އެކަށީގެންވާ ރަނގަޅު ތަންތަން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހިންގަވާ މުހިންމު މަސައްކަތްތަކެކެވެ.

