
ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ނަމުގައި އާންމުންގެ މުދަލާއި އިމާރާތްތަކުގައި ރޯކޮށް، ފިހާރަތައް ފަޅާލައި ވައްކަންކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ތަހުގީގުކުރަން ފަށައިފިއެވެ.
މީސްމީޑިއާގައި އޭނާ އާންމުކުރި ޕޯސްޓެއްގައި ވަނީ، ސަރުކާރާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ދައުލަތާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ބާރުއަޅާފައެވެ. އެގޮތުން މަގުމަތީގައި ދުއްވާ އެއްގަމު އުޅަނދުތަކާއި އެކިއެކި ތަންތަނުގައި އަލިފާން ރޯކުރުމުގެ އިތުރުން، ވިޔަފާރިކުރާ ތަންތަނަށް ވަދެ މުދާ ފޭރުމަށް އޭނާ ވަނީ ހާމަފާޅުގައި ހިތްވަރުދީފައެވެ.
މި އަމަލަށް ހިތްވަރުދިން ޕޯސްޓާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލުކުރުމުން، މުއައްސަސާއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަކަށް ހިތްވަރުދީފައިވާ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެކަން އިތުރަށް ބަލަމުންނެވެ.

