
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި 70 މެގަވޮޓްގެ އައު އިންޖީނުގެއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ހާމަކުރެއްވި ގޮތުގައި، މި ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިހާރު ވެސް ހުޅުމާލޭގައި ހިންގަމުންދާ މައި އިންޖީނުގެއާ ގުޅިގެން “ފިފްތު ޕަވަރ ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މި އައު އިމާރާތުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 120 މެގަވޮޓަށް އުފުލިގެންދާނެއެވެ.
ސަރުކާރުން މާލެ ސަރަޙައްދުގައި ހިންގަމުންދާ ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ އެކު އާބާދީއަށް އަންނަ ބަދަލުތަކަށް ކަރަންޓު ވިއުގަ ތައްޔާރުކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒެވެ. މިގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓްގެ ވަގުތީ އިންޖީނުގެއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ. ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، ކުރިން ކުރު މުއްދަތުގެ ހައްލެއްގެ ގޮތުން ހައި ސްޕީޑް ޖަނަރޭޓަރުތައް ބޭނުންކުރި ނަމަވެސް، ކުންފުނީގެ މިހާރުގެ ދުރުރާސްތާ ވިސްނުމަކީ 2028ވަނަ އަހަރަށް އަމާޒުކޮށް މީޑިއަމް ސްޕީޑްގެ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ހުޅުމާލޭގައި 100 މެގަވޮޓްގެ “ސިކްސްތު ޕަވަރ ޕްރޮޖެކްޓް” ހިންގަން ރާވާފައި އޮތް ނަމަވެސް، މުސްތަޤުބަލުގެ ޑިމާންޑަށް ރިއާޔަތްކޮށް މިހާރުގެ ސަރުކާރުން ވަނީ އެ މަޝްރޫޢަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ މަޝްރޫޢުގެ ކެޕޭސިޓީ 200 މެގަވޮޓަށް ބޮޑުކުރުމަށް ފަހު، އެ މެގަ ޕްރޮޖެކްޓް ގުޅިފަޅުގައި ކުރިއަށްގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

