
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓު ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖަކު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ ތަރުޖަމާނަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާގެ ހާލު ސީރިއަސްކަމުން މިހާރު ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައި ހުންނަ ވިނަރެސް 7 ފްލެޓް ކައިރިން މި ހިތާމަވެރި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ލިބުނީ ރޭގަނޑު 21:04 ހާއިރުއެވެ. ރިޕޯޓް ލިބުމާ އެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.
ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް ގޮސް، މަގުގެ އަރިމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި 9 އަހަރުގެ ކުއްޖާގެ އިތުރުން ދެން އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ޒުވާން ދިވެހި އަންހެނަކަށެވެ. އެންމެ ފުރަތަމަ މި ދެމީހުންނަށް ވެސް އަވަސް ފަރުވާ ދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމަށް ފަހުގައެވެ.

