
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި، 62 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައި ވަނީ މިއަދުގެ ހެނދުނު 07:44 އެހާއިރު ކަމަށާއި މިއީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ. މި ހާދިސާ ހިނގީ ހުޅުމާލެ ފޭސް ދޭއް، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި އެ ސައިކަލު ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ދެ މީހުން މިހާރު ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ ހާދިސާގައި ވަނީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތެއް ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ހާދިސާގައި އަނިޔާވި ކުއްޖާ ފަރުވާ ހޯދަމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ.

