
ހުޅުމާލެ މެކޭނިކަލް ޕާކުގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ރ. އިނގުރައިދޫ/ ކެތި، އަހުމަދު ހުސެއިން މަނިކު (42އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކޭބަލްތައް ބުރިކޮށްގެންގެން ވަގަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ކެމެރާތައް ބަލައި ހޯދަމުން ދަނިކޮށް އެ ސަރަހައްދުގެ ހުސް ބިމުގެ ތަނެއްގައި ފިލާ އޮއްވާ ކަމަށެވެ.
އަދި ފުލުހުން ގޮސް މެކޭނިކަލް ޕާކިން ބެލިއިރު ކޭބަލްތައް ބުރިކޮށްފައި ހުރިކަން ފާހަގަވި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އަހުމަދު ހުސެއިން މަނިކު ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެކަމަކު ކޯޓުން ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ މާޗު މަހު ވެސް ހަމަ އެފަދަ މައްސަލައެއްގައި އަހުމަދު ހުސެއިން މަނިކު ހައްޔަރުކުރި އެވެ. އެ ފަހަރު ހައްޔަރުުކުރީ ހުޅުމާލޭ ފްލެޓެއްގެ ޓެރެސް އިން ކޮޕާ ފަތިތަކެއް ވަގަށް ނަގަން އުޅެނިކޮށެވެ.
އޭރު ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާއަކީ މަސްތުވުމަށް ހެރޮއިން ބޭނުންކުރާ މީހެކެވެ.
އެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު މުޖުތަމައުއަށް ދޫކޮށްލައިފައި ހުރީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

