
މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ސްޓޭޓް ފާމާގެ ހުރިހާ ބޭސްފިހާރައެއްގެ ސްޓޮކް ވަގުތުން މޮނިޓަރކުރެވޭނެ ޒަމާނީ ޑިޖިޓަލް ނިޒާމެއް އެ ކުންފުނިން ތަޢާރަފުކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ބޭސް ލިބުމުގައި ކުރިން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަތޮޅުތެރެއާއި މާލޭގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ކަށަވަރު ނުކުރެވުން ކަމަށެވެ. ނަމަވެސް އަލަށް ޤާއިމުކުރެވުނު ނިޒާމާ އެކު މިކަމަށް ނިމުމެއް އައިސްފައިވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ބޭހުގެ ސްޓޮކް ހުރިނެތްގޮތް ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭހުގެ ސަޕްލައި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، މުޅި އަހަރަށް ބޭނުންވާ މިންވަރު އަންދާޒާކޮށް ކުރިއާލައި އޯޑަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިގޮތުން، ބޭސް އެތެރެކުރުމަށް މިހާތަނަށް ބޭރުގެ ތިން ކުންފުންޏަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އިތުރު ފަރާތްތަކާ އެކު ވެސް މުއާމަލާތްތައް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، ބޭސް ރައްކާކުރާނެ ޒަމާނީ ގުދަންތައް ހެދުމާއި، ހޮސްޕިޓަލްތަކުގައި ފާމަސީތައް ހުޅުވުމުގެ މަސައްކަތް ވެސް ކުންފުނިން ދަނީ ކުރަމުންނެވެ. މި ބަދަލުތަކާ އެކު އަންނަ އަހަރުގެ މެދުތެރޭގައި އެދެވޭ ކުރިއެރުންތަކެއް ފެންނާނެކަމަށް ސްޓޭޓް ފާމާއިން ލަފާކުރެއެވެ.
ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ވެސް ވަނީ ފަށާފައެވެ. ބޭސް ސިޓީގައިވާ ބޭހެއް ވަކި ފާމަސީއަކުން ލިބެން ނެތް ޙާލަތެއްގައި، އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި، މުޅި ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ އެ ބޭހަކަށް ވަގުތުން އޯޑަރުކޮށްދިނުމުގެ ޚިދުމަތް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. އަދި ބޭހާ ގުޅޭ އެންމެހާ ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް، ދުވަހުގެ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރު 1505 ވަނީ ޚާއްޞަކޮށްފައެވެ.

