
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓަށް އެރުމުގައި ދިމާވާ ތަކުލީފުތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، 16 ޓަވަރެއްގައި އިތުރު 32 ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި ރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މުހިންމު މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަސައްކަތުގެ ދަށުން ކޮންމެ ޓަވަރަކަށް ވަނީ ޒަމާނީ ފެންވަރުގެ ދެ ލިފްޓު އިތުރުކޮށްފައެވެ. އެއީ ބަލިމީހުން އުފުލުމަށް ޚާއްޞަކޮށްފައިވާ 21 މީހުންގެ ޖާގައިގެ ބޮޑު ސްޓްރެޗަރު ލިފްޓަކާއި، އާންމުކޮށް ބޭނުންކުރުމަށް ޚާއްޞަކުރެވިފައިވާ 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ. މީގެ އިތުރުން، މި ލިފްޓުތަކުގެ ފިލާތައް ފަރުމާކޮށްފައި ވަނީ ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް އަމިއްލައަށް ބްރެއިލް ސިސްޓަމް މެދުވެރިކޮށް ފަސޭހައިން ފްލޯތަކަށް ދެވޭނެ ފަދަ ޒަމާނީ އިންތިޒާމަކާއެކުގައެވެ.
ހިޔާ މަޝްރޫޢަކީ 25 ބުރިއަށް ނަގާފައިވާ، ޖުމްލަ 6720 އެޕާޓްމަންޓް ހިމެނޭ ބިޔަ މަޝްރޫޢެކެވެ. ކޮންމެ އިމާރާތެއްގައި 400 އެއްހާ އާއިލާ ނުވަތަ ދެހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، ކުރިން ހުރި މަދު ލިފްޓުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ. ޚާއްޞަކޮށް، ކުރިން ހަރުކޮށްފައި ހުރި 3 ނުވަތަ 4 ލިފްޓަކީ ޖާގައިގެ ގޮތުން ކުޑަ، ސްޓްރެޗަރު ނުވެއްދޭ ލިފްޓުތަކަކަށް ވުމުން ކުއްލި ހާލަތްތަކުގައި ބަލިމީހުން ތިރިއަށް ބޭލުމަށް ނުހަނު އުނދަގޫތަކެއް ވަނީ އުފުލަންޖެހިފައެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ނިންމެވި ނިންމެވުމުގެ ދަށުން، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފެށީ މި ހިނގާ 2024ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރިއަށްގެންދިޔައީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ.

