
ހުޅުމާލޭގައި ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓަކާއި އުސް އިމާރާތަކުން ވެއްޓުމުގެ ސަބަބުން ކުޑަ ދެ ކުއްޖަކު ނިޔާވުމުގެ ފުން ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ދެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މި ހިތާމަވެރި ދެ ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާއަކީ، ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވުމެވެ. ދެވަނަ ހާދިސާއަކީ މިއަދު މެންދުރުގެ ވަގުތެއްގައި، ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހިތާމަވެރި ވާޤިޢާއެވެ.
މި ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މައުސޫމް ދެ ކުދިން ވަކިވެދިޔަ ޚަބަރުގެ ސަބަބުން މުޅި ދިވެހި މުޖުތަމައުއަށް ބޮޑު ނުތަނަވަސްކަމަކާއި މާޔޫސްކަމެއް ގެނުވައިފި ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނިޔާވި ދެ ކުދިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާަސްތަކެއް ކޮށްފި. މި މަޢުޞޫމް…— Dr Mohamed Muizzu (@MMuizzu) September 1, 2026
ރައީސް މުޢިއްޒު ވަނީ އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. ޚާއްސަކޮށް ބެލްކަނިތަކާއި، ކުޑަދޮރުތައް އަދި ރެއިލިންގ ފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމަކީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ފަރުދީ ގޮތުން ވެސް އެންމެން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް އިލްތިމާސްކުރެއްވީ، ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ގޭބިސީތަކުގައި އިތުރު ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

