
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑީގައި އިންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނުދައްކާ އޮތް މައްސަލައިގައި، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ، އެ ގޮނޑިއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް، މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ އެޕާޓީގެ ވެބްސައިޓް މެދުވެރިކޮށެވެ.
ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ޕްރައިމަރީ ބާއްވާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ޕީއެންސީން ބުންޏެވެ. ނަމަވެސް ކަނޑައަޅާފައިވާ އަދަދަށް (1) ކުރިމަތިލައި ޝަރުތު ހަމަވާނަމަ އެމީހަކަށް ޓިކެޓު ދޭނެ ކަމަށްވެސް ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

