
ހިތަދޫ އުތުރު ދާއިރާގެ އާ މަޖިލިސް މެމްބަރު ހޮވަން ބާއްވާ އިންތިހާބަށް ޕީއެންސީގެ ޕްރައިމަރީން ހޮވުނު ކެނޑިޑޭޓް އަދި އެ ދައިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އެ ދާއިރާއަށް ވާދަ ނުކުރައްވަން ނިންމައިފިއެވެ.
ސިނާންއާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)އާ ވާދަކުރައްވައިގެންނެވެ.
ނަމަވެސް ސިނާން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ޓިކެޓް ދޫކޮށްލަން ނިންމައި ސައީދަށް ތާއިދުކުރަން ނިންމާފައިވަ ކަމަށާއި އެގޮތަށް ނިންމީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ބަލިކުރެވެން އޮތީ ސައީދަށް ތާއިދުކޮށްގެން ކަމަށް ފެންނާތީ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުގެ މަގާމު ހުސްވީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް މި މަހުގެ 12ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.
އެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހަށް މިހާރު އޮތީ ތާވަލުކޮށްފައެވެ. އެ ދާއިރާ ވާދަކުރަން ހުށަހެޅުމުގެ މުއްދަތުވެސް މިހާރު އޮތީ އިތުރުކޮށްފައެވެ.

