
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އެޅުމަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި ކަން ކުރުމަށް މެންބަރު ޣަފޫރު ވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކައުންސިލްގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއްތޮލިބް ވިދާޅުވިއެވެ.
އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ހަނިމާދޫގައި ހިރިމަރަދޫ މީހުން އުޅުމަށް އަޅާ ފްލެޓްތަކާއި ހަނިމާދޫ މީހުންނަށް ކަނޑައަޅާފައިވާ ހައުސިން މަޝްރޫއަކީ ތަފާތު ދެ މަޝްރޫއެއް ކަމަށެވެ. އެހެންވެ ހިރިމަރަދޫ މީހުންނަށް ފްލެޓް އަޅާތީވެ، ހަނިމާދޫ މީހުންގެ ހައުސިން ޔުނިޓްތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ،” މިނިސްޓަރު މުއްތޮލިބް ވިދާޅުވިއެވެ.
ހިރިމަރަދޫ މީހުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓު ކުރުމުގެ މަސައްކަތް ވެސް ހަނިމާދޫ ކައުންސިލުން ކުރިއަށް އެބަ ގެންދެއެވެ. މިދިޔަ ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓު ލަނީ ވެސް ހަނިމާދޫ ކައުންސިލަށެވެ. މި ވަގުތު ހިރިމަރަދޫ މީހުންނަށް ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ދެނީ ވެސް ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއް އެ ރަށުގައި ގާއިމުކޮށްގެނެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި އެންމެ އާބާދީ ކުޑަ ރަށެވެ. އެ ރަށުގެ ރަޖިސްޓަރީ އާބާދީއަކީ 584 މީހުނެވެ. 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ.

