
ކ. ހިންމަފުއްޓާއި ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ހިންމަފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ރަށުން ނައްތާލާފައި ވަނީ 142ބިޔަރު ދަޅާއި 22ބަނގުރާ ކަމަށެވެ.
ދޫނިދޫގައި ބަނގުރާ ނައްތާލާފައި ވަނީ މިއަދު ކަމަށާއި ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96ފުޅި ބަނގުރަލާއި، ޕެޓް 181ފުޅި ބަނގުރަލާއި 10ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58އައިޓަމް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި ތަކެއްޗަކީ 21އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 15މައްސަލައެއްގައި ހިމެނޭ ބަނގުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ނައްތައިލި އެހެނިހެން ތަކެތީގެ ތެރޭގައި، ދަބަސް، ފޮށި، ފޮތިކޮތަޅާއި ކަރުދާސްކޮތަޅު އަދި ޕުލާސްޓިކްކޮތަޅު ފަދަ ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ތަކެއްޗަކީ ބަނގުރަލާ ގުޅޭ އެކި މައްސަލަތަކުގެ ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާ މައްސަލަތަކާއި ވަކި މީހެއްގެ މައްޗަށް ތުހުމަތުނެތް ގޮތަށް ގެނެސްފައިވާ މައްސަލަތަކުގައި ހިފަހައްޓާފައި ހުރި ތަކެތި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުުރުން ފުލުހުން ބުނި ގޮތުގައި ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެފަދަ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

