
ތަފާތު އެކި ދާއިރާތަކުން މުޖުތަމައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތް ބޭފުޅަކަށާއި އަމިއްލަ ކުންފުންޏަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ޙަވާލުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ޖަލްސާގައި، މި ޝަރަފުވެރި އިނާމުގެ ގޮތުގައި ކޮންމެ ފަރާތަކަށްމެ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވަނީ ޚާއްޞަ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. މިއަހަރު މި އިނާމު ލިބިވަޑައިގަތް ފަރާތްތަކުގެ ތެރޭގައި ދީނީ، ތާރީޚީ، ޞިއްޙީ އަދި ކުޅިވަރާއި ފަންނުވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތައް ހިމެނެއެވެ.
ދައުލަތުން މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި ފަރާތްތަކަކީ:
1. ދީނީ ޢިލްމު ފެތުރުމާއި އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ރޮނގުން: ގއ. ދާންދޫ، މުޝްތަރީގޭ، އަލްއުސްތާޛާ ޙައްވާ ލަޠީފް.
2. ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމުގެ ރޮނގުން: ހދ. ވައިކަރަދޫ، ދަނބުގެ، މުޙައްމަދު ނަޞީރު.
3. ރާއްޖޭގެ ތާރީޚު ދިރާސާކުރުމުގެ ރޮނގުން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު (ހުޅުމާލެ ފްލެޓް 125-G-03).
4. ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ ރޮނގުން: މުޙައްމަދު އަޙްމަދު (ހުޅުމާލެ ވިނަރެސް 10A-702).
5. ޢިމާރާތް ފަރުމާކުރުމާއި ކޮންސްޓްރަކްޝަން ރޮނގުން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.
6. މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން: ހއ. އުލިގަން، ފަހިވާ، އަރުޝަދު އަޙްމަދު.
7. ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން: ޢާއިޝަތު ނައުރާ (ހ. ސީޓް).
8. ކުރެހުމާއި ވިޜުއަލް އާޓްސްގެ ރޮނގުން: އިސްމާޢީލް ޢަބްދުލްޣަފޫރު (ހ. އަރިހިޔާ).

