
މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، ހަތަރު މަސްދުވަސް ފަހުން އެމިރޭޓްސް އެއާލައިނުން ދިވެހިރާއްޖެއާއި އަވައްޓެރި ސްރީލަންކާއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.
އަލުން ފެށި މި ދަތުރުތަކަކީ ދުބާއީ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ބާއްވާ އީކޭ652 ފްލައިޓަށް އިތުރުކުރެވުނު ބޮޅެކެވެ. ބޯއިން 777 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކުރާ މި ދަތުރުތައް ރާވާފައި ވަނީ ދުބާއީއިން މާލެއަށް އައުމަށް ފަހު ކޮލަމްބޯއަށް ފުރާ ގޮތަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރު އީކޭ653 ވެސް ދަތުރުކުރާނީ ކޮލަމްބޯއިން ފުރައިގެން މާލޭގައި ޓްރާންސިޓް ކުރުމަށްފަހުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑު ހިއްސާއެއް ވެދޭ އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުމާ އެކު، ޔޫރަޕާއި، އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަސިންޖަރުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ސިނާއަތުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މީގެ ސަބަބުން ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެއެވެ. މި ދެ ގައުމަށް އެމިރޭޓްސްއިން ހިދުމަތް ފޯރުކޮށްދޭތާ މިހާރު ތިރީސް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އައި ބަދަލުތަކާއި އެ ސަރަހައްދުގެ އެއާޕޯޓުތަކުން ކެންސަލްކުރި ތިރީސްހާހަށްވުރެ ގިނަ ފްލައިޓާ އެކު، އެމިރޭޓްސްގެ އިތުރުން އިއްތިހާދާއި ގަތަރު އެއާވޭސް ފަދަ ބޮޑެތި ކުންފުނިތަކަށް ވަނީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތިރީސް އިންސައްތަ މެދުއިރުމަތީގެ މަގުން އަންނައިރު، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާރު ގިނަ އެއާލައިންތަކެއްގެ ދަތުރުތައް އާންމު ހާލަތަކަށް އައިސްފައިވާއިރު، އެމިރޭޓްސްއިން ވެސް ދަނީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އައު ރޫޓުތައް ބޭނުންކޮށްގެން އެ ކުންފުނީގެ ވިއުގަ އަލުން ބިނާކުރަމުންނެވެ. މިގޮތުން ސަތޭކަ ދިހަޔަކަށްވުރެ ގިނަ މަންޒިލަށް މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.

