
މޫސުމީ ވިއްސާރައިގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާތީ، މި ހިނގާ ހަފުތާ ބަންދުގެ ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ލަފާކޮށްފިއެވެ.
ފާއިތުވި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ މި ވިއްސާރައިގައި، ކުރު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ޢަދަދަކަށް ވާރޭވެހެމުންދާކަން އެ އިދާރާއިން ފާހަގަކުރައްވައެވެ. މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށާއި، ކުރިއަށް އޮތް ހަފުތާއަށް ވެސް މޫސުން ރަނގަޅުނުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިން އާންމު ގޮތެއްގައި ހުންނާނެކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ކުއްލި ވިލާގަނޑާ އެކު ގަޑިއަކު 35 މޭލަށް ވައި ބާރުވެ، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވެގެންދާނެކަމަށް މެޓް އޮފީހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

