
މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރި ދަފްތަރު ނަމްބަރު ދރ 071 / މާލެ، ފަތުހު އާދަމް ހަސަންފުޅު، 44، އަނެއްކާ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފަތުހު މި ފަހަރު ހައްޔަރުކުރީ 3.5 ކިލޯގެ މަސްތުވާތަކެއްޗާ އެކުގައެވެ.
އެ މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފަތުހު މިފަހަރު ހައްޔަރުކުރީ އޭނާ ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ހުޅުމާލެއަށް އަންނަކަމުގެ މައުލޫމާތު ލިބިގެން އޭނާއަށް ފާރަލަމުން ދަނިކޮށް ޓެކްސީން ފައިބައިގެން އައިސް ޑިކީއިން ފޮށިގަނޑެއް ނަގައި މަގުގެ އެއްފަރާތުގައި ބެހެއްޓިތަނާއެވެ.
މިދިޔަ އޭޕްރީލް މަހު ވެސް ފަތުހު ހައްޔަރުކުރިއެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައި ފާސްކޮށް ގާތްގަނޑަކަށް 38 ގްރާމްގެ ޑްރަގް ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއްގައެވެ.
އެ މައްސަލައިގައި އޭނާ ބަންދު ވެސްކުރިއެވެ. ފަހުން އެ މައްސަލައަށް ވީގޮތެއް ސާފެއް ނުވެއެވެ.

