
ހަންޓާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
މި ފަހުން ހަންޓާ ވައިރަސްގެ ކޭސްތަކެއް ފެންމަތިވީ އާޖެންޓީނާއިން ކޭޕް ވާރުދެއަށް މިދިޔަ މަހު ދަތުރުކުރަމުން ދިޔަ ކްްރޫޒްއަކުންނެވެ. އެ ގޮތުން އެ ކްރޫޒްގައި ތިބި ތިން މީހަކު ވަނީ މަރުވެފައެވެ.
އަދި އޭގެ ފަހުން އެހެން ގައުމުތަކުން ވެސް އެ ބަލި ދަނީ ފެންނަމުންނެވެ.
އެޗްޕީއޭއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން އެކަން މޮނިޓާކުރަމުންދާ ކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާ ކަމަށާއި އަދި ރާއްޖެއަށް އެ ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
“މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރެވެމުންދާނެއެވެ.” އެޗްޕީއޭއިން ބުންޏެވެ.

