
އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިނުވެވުނު ސަބަބު ފޮރިން މިނިސްޓްރީން ސާފުކޮށްދީފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އިސްރާއިލުން ރަހުމްކުޑަގޮތަކަށް ޝަހީދުކޮށްލި ޚާމަނައީގެ ޖަނާޒާ މި މަހުގެ ހަތަރުވަނަ ދުވަހު ފަށައިގެން ކުރިއަށްދާ އިރު މާދަމާ އެމަނިކުފާނު ފަސްދާނުލާނެއެވެ.
ޚާމަނާއީގެ ޖަނާޒާގެ ކަންކަމުގައި އިސްލާމީ އަދި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ އިރު ރާއްޖޭގެ ބޭފުޅަކު ބައިވެރިއެއް ނުވެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޚާމަނާއީެ ޖަނަޒާގައި ބައިވެރިވުމަށް ލިބުނު ދައުވަތާ ގުޅިގެން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކަމުގައި ވާނީ އިރާން ސަރުކާރަށް ރަސްމީކޮށް އަންގި ކަމަށެވެ.
ނަމަވެސް ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އިރާނުން އެންގި ކަމަށެވެ.
އެހެންވެ އެ މައުލޫމާތު ލިބުމާގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި، ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީއާއި ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެންގި ކަމަށެވެ.އަދި އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް އިރާނުން ލަފާ ދިން ކަމަށެވެ.

