
ރާއްޖޭގެ ޓޫރިޒަމް ވަސީލަތްތަކާއި ލަގްޒަރީ ރިސޯޓުތައް އިޝްތިހާރު ކުރުމަށްޓަކައި ޗައިނާގެ ބެއިޖިންގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ޗައިނާ ނޫސްތަކުގައިވާ ގޮތުން “އެންކައުންޓަރު ދަ މޯލްޑިވިއަން ސަމާ އެމްބާކް އޮން އަ ލަގްޒަރީ ވެކޭޝަން ޖާނީ” ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިވެންޓަކީ ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުފަތުރުގެ މުއާމަލާތްތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
މި އިވެންޓް ގުޅިގެން އިންތިޒާމުކޮށްފައި ވަނީ ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި، މޯލްޑިވްސް ޓޫރިޒަމް (ވިޒިޓް މޯލްޑިވްސް)، ރާއްޖޭގެ ގައުމީ އެއަރލައިން “މޯލްޑިވިއަން”ގެ އިތުރުން ބެއިޖިންގ ގުއޯސޭ އިންޓަނޭޝަނަލް ކޮންފަރެންސް އެންޑް އެގްޒިބިޝަން ސެންޓަރާއި “ލަގްޒަރީ ޓައިމްސް” މެގަޒިން ގުޅިގެންނެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދު
- ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ފަތުރުވެރިކަމުގެ ބައިވެރިވުން ވަރުގަދަކުރުން.
- ޗައިނާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުން.
- ޗައިނާގެ އައުޓްބައުންޑް (ގައުމުން ބޭރަށް ދަތުރުކުރާ) ފަތުރުވެރިކަމުގެ މާކެޓުގައި ހުރި އައު ފުރުސަތުތައް ހޯދައި ދެނެގަތުން.
މި އިވެންޓުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްވެ، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވާނެއެވެ.

