
ބަހުރައިންގެ ހޮސްޕިޓަލިޓީ ކުންފުނި، ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ)އިން ރާއްޖޭގައި މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއް އިއުލާންކޮށްފިއެވެ. މިއީ އެ ކުންފުނިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ އިންވެސްޓްމަންޓަށްވާނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބަހުރައިންގައި ވަނީ ގަލްފް ހޮޓެލްސް ގްރޫޕާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކުންފުނި ގުޅިގެން ރިސޯޓު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ މައި ހަބެއް ކަމަށްވާ ކާފު އަތޮޅުގެ ފަޅެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި 15އާއި 25މިނެޓާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި ދެވޭ މި ރިސޯޓަކީ އެކަހެރި އަދި ހިތްފަސޭހަ މާހައުލެއް ލިބިދޭނެ ގޮތަށް ފަރުމާކުރެވޭ ތަނެކެވެ.
ކެއިރެޓްސޫ ކުންފުނީގެ ފައުންޑަރ އަދި މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ ގަލްފް ހޮޓެލްސް ގްރޫޕްގެ ބައިނަލްއަގުވާމީ ތަޖުރިބާ އާއި ކެއިރެޓްސޫގެ ތަޖުރިބާ އެއްކޮށްލުމުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ބައިނަލްއަގުވާމީ ފެންވަރުގެ ފުރިހަމަ ރިސޯޓެއް ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ރިސޯޓު ތަރައްގީކޮށް ހިންގުމަށް ދެ ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފެއްދުމަށް ހަމަޖެހިފައިވާއިރު، ގަލްފް ހޮޓެލްސް ގްރޫޕުން މި މަޝްރޫއުގައި އީކުއިޓީ އިންވެސްޓަރެއްގެ ގޮތުގައާއި އޮޕަރޭޓަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ.

