
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ނުވަތަ ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާނެ ދެ މެންބަރަކު ހޯދުމަށްޓަކައި، ފުރުސަތު އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ބޯޑަށް އައްޔަންކުރުމަށް ހަމަޖެހިފައި ވަނީ، ޕްރައިވެޓް ސެކްޓަރުގެ މެންބަރުންގެ ތެރެއިން މިހާރު ހުސްވެފައިވާ ދެ ގޮނޑިއަށް ބޭފުޅުންނެވެ. މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ވަޒަންކޮށް، ހާއްސަ ސިލެކްޝަން ކޮމިޓީއަކުން އެންމެ އެކަށީގެންވާ ތިން ނަމެއް ޝޯޓްލިސްޓު ކުރާނެއެވެ. އޭގެ ފަހުން، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކަށަވަރުކުރާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިންނެވެ. މި މަރުހަލާތަކަށް ފަހު، ބޯޑަށް މެންބަރުން ރަސްމީކޮށް އައްޔަންކޮށްދެއް ވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ.
އެޕްލިކޭޝަން ހުށަހެޅޭނީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި އޭގެ އިތުރުން އިގުތިސާދީ، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، އިންވެސްޓްމަންޓް ނުވަތަ ޕެންޝަންގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުމާއި، ދައުލަތުގެ ހިއްސާ 50 އިންސައްތައަށްވުރެ ބޮޑު ކުންފުންޏެއްގެ ދަށުން ހިނގާ ތަނެއްގެ މުވައްޒަފަކަށް ނުވުން މިއީ ވެސް އަސާސީ ޝަރުތެކެވެ. ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމެއް މެދުވެރިކޮށް، މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ލިޔެކިޔުންތައް ފޮނުވަން ޖެހެއެވެ.
މި މަގާމުގެ މަސްއޫލިއްޔަތާއި މާކްސް ދޭނެ ގޮތުގެ ތަފްސީލުތައް އެ އޮފީހުގެ ޓާމްސް އޮފް ރެފަރެންސްގައި މިހާރު ވަނީ އާންމުކޮށްފައެވެ. ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ބެލެހެއްޓުމަށްޓަކައި 2009ވަނަ އަހަރު އުފެއްދި މި އިދާރާގެ ބޯޑުގައި ޖުމްލަ އަށް މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ޗެއާޕާސަން އާއި، ސީއެމްޑީއޭ، ފިނޭންސް މިނިސްޓްރީ އަދި ސޯޝަލް ސެކިއުރިޓީ މިނިސްޓްރީ ތަމްސީލުކުރައްވާ ބޭފުޅުންގެ އިތުރުން، އަމިއްލަ ދާއިރާއަށް ނިސްބަތްވާ ހަތަރު މެންބަރުން ހިމެނެއެވެ.

