
ހުޅުމާލެ ފޭސް 2 ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ޕާކުކޮށްފައި ހުރި ކާރުތަކަކަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މީހަކު އެ ގޮތަށް ކާރުތަކަކަށް ގެއްލުންދެމުންދާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 07:36އެހައިކަންހާއިރެވެ.
އެ ރިޕޯޓާ ގުޅިގެން ނިރޮޅުމަގު ބަލަމުންދިޔަ ފުލުހުންނަށް، ނިރޮޅުމަގު ރެއިންބޯ ސައިޓް ކުރިމަތިން އާންމުންގެ ބަޔަކު މީހަކު ހިފަހައްޓައިގެން ތިއްބާ ފެނުމުން، އެ ސަރަހައްދަށް ގޮސް އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުންޏެވެ.
އެއީ 25އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުން އެނގުނު ގޮތުގައި އެއީ ސ. ފޭދޫ، ފަލަސް، ހުސައިން ލައިޒު އަދުނާނެވެ.
ފުލުހުން ބުނީ އެ މީހާ، ސައިކަލެއް ވައްޓާލައި ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް 5ކާރަކަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

