
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އަމިއްލަގޮތުން ޚަރަދުކުރެވެން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާ އެކު މި ފަރުވާ ހޯދުމަށްޓަކައި އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މިއީ މިއަހަރުގެ ތެރޭގައި މި މުހިންމު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ތެލެސީމިއާ ކުދިންގެ ފުރަތަމަ ބެޗެވެ. މި ކުދިން ފުރުމުގެ އިންތިޒާމުތައް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ފުރިހަމަވުމާ އެކު އިތުރު ހަތަރު ކުއްޖަކު ވެސް ފަރުވާއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
Today, Maldives Zakat House, along with @MoHmv, and other stakeholders, met with parents of six thalassemia patients who are set to travel to India as this year's first batch for bone marrow transplantation with financial support from the Zakat Fund. pic.twitter.com/J4quEGrJSa
— Maldives Zakat House (@ZakatHouseMv) July 11, 2026
މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްގެ އިތުރުން ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާއި ފަރުވާއަށް ފުރާ ކުދިންގެ އާއިލާތަކުން ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވަނީ ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ޒަކާތު ހައުސްއިން ވަނީ ބޯންމެރޯ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2.5 މިލިއަން ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)އަށް ޖަމާކޮށްދީފައެވެ. މިއީ އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު މިއަހަރުގެ ފެބްރުއަރީ މަހު 21ވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުން ފޯރުކޮށްދެވޭ އެހީތެރިކަމެކެވެ. ނަމަވެސް 2014ވަނަ އަހަރުން ފެށިގެން ވެސް އެކި ފަހަރުމަތިން ޒަކާތު ފަންޑުން އަންނަނީ މިކަމަށް އެހީވަމުންކަން ފާހަގަކޮށްލެވެއެވެ.
ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އަޅަންޖެހޭ އަދި މެޑިކަލް ފަރުވާ ބޭނުންވާ ވާރުތަވާ ބައްޔަކަށްވާއިރު، ބޯންމެރޯ ޓްރާންސްޕްލާންޓަކީ މި ބައްޔަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގައި ބަލިމީހާގެ ބޯންމެރޯގެ ބަދަލުގައި ސިއްހަތު ސަލާމަތުންހުރި ޑޯނަރެއްގެ ސްޓެމް ސެލްސް ބޭނުންކޮށްގެން ހަށިގަނޑުގައި އާ ލޭ އުފެއްދުމަށް މަގުފަހިކުރުވައެވެ.
އެޗްއެލްއޭ ޑޯނަރ މެޗްވެ، ފަރުވާއަށް ޝަރުތު ހަމަވާ ޖުމުލަ 10 ކުއްޖަކު 2026ވަނަ އަހަރުގެ ނިޔަލަށް ބޭރަށް ފޮނުވުމަށް ހުއްދަ ލިބިފައިވާއިރު، ފުރަތަމަ ފުރާ ހަ ކުދިން ފިޔަވައި ބާކީ ތިބި ހަތަރު ކުދިން އާސަންދަ އެމްޕަނެލްކޮށްފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. 2024ވަނަ އަހަރުން ފެށިގެން މި ފަރުވާއަށް ޝަރުތު ހަމަވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން ވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ސީދާގޮތެއްގައި ޚަރަދުކޮށްފައެވެ.

