
ރާއްޖޭގައި ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ފައިސާ މާރުކުރުމާއި ބޭންކުތަކަށް ޖަމާކުރުން ހަރުދަނާކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު ރައްޔިތުންގެ މަޖިލީހަށް ބޭރު ފައިސާގެ ގާނޫނަށް ގެންނަ މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭނުންވެގެން ސަރުކާރުން ހުށަހެޅި މި ބިލުގައިވާ އެންމެ ހާއްސަ އެއް ބަދަލަކީ، ބޭރު ފައިސާއިން އާމްދަނީ ހޯދާ ހުރިހާ ވިޔަފާރިތަކުން ވެސް ރާއްޖޭގެ ބޭންކެއްގައި އެ ފައިސާ ޖަމާކުރުން މަޖުބޫރުކުރުމާ އެކު، އެ އެކައުންޓްތަކުގެ ތަފްސީލުތައް މަރުކަޒީ ބޭންކަށް އެންގުމަށް ލާޒިމުކުރުމެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އާމްދަނީން ޑޮލަރު މާރުކުރަންޖެހޭ މިންގަނޑު ވެސް ވަނީ ބަދަލުކޮށްފައެވެ. ކުރިން އޮންނަ ގޮތުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭއިރު، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ ހަމައެކަނި އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބައްޓަންކޮށްފައެވެ.
ފަތުރުވެރިކަން ނޫން އެހެނިހެން ދާއިރާތަކަށް ބަލާއިރު، ބޭރު ފައިސާ މާރުކުރުން ލާޒިމުވާނީ އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރުން މަތީގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށެވެ. މިއީ މީގެ ކުރިން 20 މިލިއަން ޑޮލަރުގައި ކަނޑައަޅާފައި އޮތް އަދަދެކެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު އަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ އަމާޒަކީ ކެޓަގަރީ-އޭ ގައި ހިމެނޭ ތަންތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން މިހާރަށްވުރެ ނިޒާމީ ގޮތެއްގައި ތަންފީޒުކުރުމެވެ.
މި އާ އުސޫލުތަކަށް އަމަލުކުރަން ފެށުމުގެ ގޮތުން ވިޔަފާރިތަކަށް ތައްޔާރުވުމަށް އެމްއެމްއޭއިން ހާއްސަ އިންތިގާލީ މުއްދަތެއް ދިނުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި، ބޭރު ފައިސާގެ ގާނޫނުގެ ދަށުން ހަދާފައިވާ އެންމެހާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމަން ޖެހޭނެކަމަށް ވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ.

