
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އެންވަޔަރަމަންޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އައްޔަންކުރަން ނިންމައިފިއެވެ.
ސިވިލް ކޯޓަށް ތިން ގަޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަންއިން އިއުލާންކުރީ މިދިޔަ ޖޫން މަހު ފަހުކޮޅުއެވެ. އަދި މުއްދަތު ހަމަވިއިރު އެ މަގާމަށް 42ބޭފުޅުން ކުރިމަތިލެއްވިއެެވެ.
ޖޭއެސްސީން މިހާރު ވަނީ އެ ތިން މަގާމަށް އައްޔަންކުރާނެ ބޭފުޅުން ވެސް ނިންމައިފައެވެ.
އޭގެ ތެރޭގައި ވަކީލު އަދި މި ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވި ރަގީބު ވެސް ހިމެނިވަޑައިގަންނަވައެވެ.
ރަގީބަކީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މިދިޔަ ސަރުކާރުން ނިންމިއިރު، އެ ރަށުގައި 10،000މީހުން ހަަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލުމަށް އެދި، ދައުލަތާ ދެކޮޅަށް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ބޭފުޅެކެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހު ރަގީބް މަގާމުން ވަކިކުރީ ކޯޓަށް އެ މައްސަލަ ހުށަހެޅުމުންނެވެ.
ރަގީބުއާއެކު ދެން ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމާފައިވަނީ
-
ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާ
-
ގއ. ކަނޑުހުޅުދޫ/ރީލް މަންޒިލް، މުހައްމަދު ނިޝާތު
ސިވިލް ކޯޓުގެ ގާޒީގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރުފިޔާ ލިބޭނެއެވެ. އަދި އޭގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

