
ގޭބީސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭ އެއްގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެނިއުމަރޭޓަރުން ހޯދަނީ މާލޭގައި ހަރަކާތްތެރިވުމަށް ކަމަށާއި 20 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށެވެ. މިކަމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޖީސީއީ އޯލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށާއި ބޯހިމެނުމާއި މިިފަދަ އެހެން ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުުތެރެއަށް ދަތުރުކޮށްގެން މި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ފަސް ދުވަހުގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ތަމްރީނު ފުރިހަމަ ކުރުމަށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 150 ރުފިޔާ ދެވޭނެ ކަމަށާއި ފީލްޑް މަސައްކަތުގެ ގޮތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ފުޑް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ އާއި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި ސާވޭ ގައި އެނިއުމަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ގޫގުލް ފޯމެއް ފުރަންޖެހޭ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް 3008400 ނުވަތަ 3008408 އަށް ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

