
ލ. ގަމުގައި 14 އަހަރުގެ ކުޑަކުއްޖަކު ކަރަންޓުގައި ޖެހި، އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ ކުރިމަތިވީ، ޢީދު ކުޅިވަރަށް ތައްޔާރުވުމުގެ މަސައްކަތުގައި، މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ނުވަތަ ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މި ހާދިސާ ހިނގުމާ އެކު ވަގުތުން ގަމު ރީޖަނަލް ހޮސްޕީޓަލަށް އެ ކުއްޖާ ގެންގޮސް ފަރުވާދޭން ފެށިފައިވެއެވެ. ނަމަވެސް، ކަރަންޓުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ގޯސްވުމުގެ ސަބަބުން، ޑޮކްޓަރުން ވަނީ ވަގުތުން ވެންޓިލޭޓަރަށް ލާފައެވެ. އަދި އެ ކުއްޖާއަށް ބޭނުންވާ ޚާއްޞަ ފަރުވާ އެ ހޮސްޕީޓަލުން ދެވެން ނެތުމުން، ލަސްނުކޮށް މާލެއަށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

