
ގަވާއިދާ ޚިލާފަށް އަދި ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ، ބޮޑެތި ޖޫރިމަނާތަކެއް ކުރުމާ އެކު ލައިސަންސް ހިފެހެއްޓޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބޭހާ ބެހޭ އައު ގަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.
އަލަށް ގެޒެޓުކުރެވުނު މި އުސޫލުގެ ދަށުން، ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަދެވޭ ބޭހުގެ ޚާއްސަ ދަފުތަރެއް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ލާޒިމުކުރެއެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު މި ލިސްޓު މުރާޖަޢާ ކުރަންޖެހޭނެއެވެ. މި ދަފުތަރުގައި ނުހިމެނޭ އެއްވެސް ބާވަތެއްގެ ބޭހެއް އެތެރެކުރުމާއި، އެތެރެކުރަން މަސައްކަތް ކުރުމަކީ ވެސް މަނާކަމެކެވެ. އުސޫލާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިން ނަމަވެސް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ހަމައެހެންމެ، އެ ފަރާތެއްގެ ހުއްދަ 14 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓޭނެއެވެ. މީގެ އިތުރުން ރަޖިސްޓަރީވުމަށް އޮޅުވާލައިގެން މައުލޫމާތު ދޭ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭއިރު، އެފަދަ ފަރާތްތަކަށް އަލުން ހުއްދައަށް އެދެވޭނީ 6 މަސް ފަހުންނެވެ.
މި ގަވާއިދު ހިނގާނީ ޑޮކްޓަރީ ބޭހުގެ އިތުރުން، ދިވެހިބޭހާއި އޯލްޓަނޭޓިވް މެޑިސިންގެ މައްޗަށެވެ. ބޭސް އުފެއްދުމާއި، ސަޕްލައިކުރުމާއި، ގުދަންކުރުމުގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތްތަކާއި ފާމަސީތަކުން ވެސް އެމްއެފްޑީއޭގައި ރަޖިސްޓަރީވެ ލައިސަންސް ހޯދަން ޖެހެއެވެ. ޚާއްސަކޮށް ކޮންޓްރޯލްޑް ޑްރަގްސްގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ އެކަމަށް ދޫކުރާ ޚާއްސަ ޕާމިޓެއްގެ ދަށުންނެވެ. ރާއްޖޭގައި ބޭސް އުފައްދައި ބަންދުކުރެވޭނީ ވެސް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށާއި، ބަލިމީހުންނަށް އެތަކެތި ދެވޭނީ އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުމަށްފަހުކަމަށް ކަނޑައަޅާފައިވެއެވެ. އަދި ބޭސް ގުދަންކުރާ ފަރާތްތަކުން، ބޭސް ބޭނުންކުރަމުންދާ ގޮތުގެ ތަފާސްހިސާބު ކޮންމެ 6 މަހަކުން އޮތޯރިޓީއަށް ހިއްސާކުރަން ޖެހެއެވެ. ގުދަނުގެ ހުއްދަ ހަމަވުމަށް ފަހު އެތަނުގެ ނަމުގައި ބޭސް އެތެރެކުރުމަކީ މަނާކަމެކެވެ.
އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ އާންމު ފަރުދުންނަށް ވެސް އައު ގަވާއިދުގައި ގޮތްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އާންމުކޮށް އެތެރެކުރެވޭނީ 3 މަހުގެ ބޭހެވެ. ނަމަވެސް ސިއްހީ ލިޔެކިޔުންތަކާއި ރިކޯޑުތައް ހުށަހެޅުމުން 6 މަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން ފާމަސީތަކުގެ ހިންގުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފާމަސީއެއް ހިންގަން ހުއްދަ ދޫކުރާތާ 6 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ނުފަށައިފިނަމަ، ނުވަތަ ޚިދުމަތް ފެށުމަށް ފަހު މެދުކަނޑާލާތާ 3 މަސްވެފައިވާ ނަމަ އެ ފާމަސީއެއްގެ ލައިސަންސް ވަގުތީގޮތުން ބާތިލުވާނެއެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރި ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ. އެ މުއްދަތަށް ފަހު، މިހާރު ވެސް ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކުން އަލުން ރަޖިސްޓަރީވާން ޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

