
ގަވާއިދާ ހިލާފަށް ކުނި ނަގައި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް”ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ)އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ)އެވެ.
މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެމީހުން ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާ އެކު އިއްޔެގެ ހެނދުނުގެ ވަގުތުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެމީހުންނަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށެވެ.

