
ހުޅުމާލޭގައި ގަރާޖެއް ބަލާފާސްކޮށް 12ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ގަރާޖެއް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 20ބިދޭސީންނާ ސުވާލުކުރި ކަމަށެވެ.
އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގަވައިދުތަކާ ހިލާފުވި 12ބިދޭސީއަކު އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް އިމިގްރޭޝަންއިން ނުދެއެވެ.
ގަރާޖުތަކަކީ އާންމުކޮށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
ބިދޭސީންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެހެންކަމުން، ދިވެހިންގެ ނަންމަތީގައި ފިލާތިބެގެން ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހޯދައި، އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރުން ފެށިގެން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އެއްވެސް ބިދޭސީއަކަށް އިތުރު މުހުލަތެއް ދިނުމަކާ ނުލައި ފޮނުވާލުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ އިޢުލާންކުރައްވާފައެވެ.

