
މި ފަހުން ތުއްތު ކުއްޖަކު ދައުލަތަށް ނެގި ސަބަބާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ އެކަން ކުރީ ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭތީ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ހިންގާ ޕޭޖުތަކުގައި މި ހަފްތާ ވައިރަލްވި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ތުއްތު ކުއްޖަކު ވިހޭތާ ތިން ވަނަ އަށް ވީ ދުވަހު ވަނީ ދަރިފުޅު ދައުލަތަށް ނަގައިފައެވެ. އެއީ މައިމީހާގެ ނަފްސާނީ މައްސަލައެއް ހުރުމާއި ނުކުޅެދުންތެރިކަން ވެސް ހުރެ ކުއްޖާ ބެލުމުގެ ކުށަދާނަކަން ވެސް ނެތް ކަމަށް ބުނެކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ވައިރަލް ޕޯސްޓާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
އަދި، ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއޔަތްކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ
އެހެންކަމުން، ދައުލަތަށް ކުއްޖަކު ނަގާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން، ކުއްޖާގެ މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ. އަދި މައިންބަފައިންގެ ގާތުގައި ކުދިން ނުބެހެއްޓޭ ހާލަތުގައި ކުއްޖާގެ ޢާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ފަރާތެއް ހުރިކަމުގައިވާނަމަ، ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަކީ ދައުލަތުން ކުއްޖާގެ މަސްލަހަތަށް އިސްކުރާނޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

