
މި މަހުގެ 5ވަނަ ދުވަހުގެ ރޭ އަޑިއަށް ދިޔަ “ފްރެންޑް 4” ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ވުޒާރާއިން އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމެވެ. މި މަސައްކަތް ހަލުވިކުރުމުގެ ގޮތުން ދިފާޢީ ވުޒާރާއާއި، ދާޚިލީ ވުޒާރާގެ އިތުރުން ސަލާމަތީ ބާރުތަކާ ގުޅިގެން ޚާރިޖިއްޔާއިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދަނީ ސީދާ މީހުން ހޯދުމުގެ އޮޕަރޭޝަނަށާއި، ކަނޑުފެތުނު އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ ފަންނީ ކަންކަން ކުރުމަށެވެ.
މިހާތަނަށް ކަނޑާއި ވައިގެ މަގުން ވަރަށް ފުޅާ ދާއިރާއެއްގައި މީހުން ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ޤައުމީ ދިފާޢީ ބާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލާ އެކު، ޖުމްލަ 7400 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލައިފާސްކޮށްފައެވެ.
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި އަޑިއަށް ދިއުމުގެ ތެރޭގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން އުޅެނިކޮށް ގެއްލިފައިވަނީ، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ)އާއި، ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33އ)ގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ)އެވެ.

