
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި އެކަނި ވެސް ހިމަބިހި ޖެހިގެން އިތުރު 22 މީހަކު ރިޕޯޓުކޮށް، ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 166އަށް އަރައިފިއެވެ.
ސަރުކާރުން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ވެކްސިން ކެމްޕޭނެއް ފަށާފައިވާއިރު، މިހާތަނަށް 9،918 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ. މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 20،000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ސިއްހީ އާލާތްތައް ދިވެހި ދައުލަތަށް ހަދިޔާކޮށްފައެވެ. މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ މި ބަލި، އަލުން ފެންނަން ފަށާފައި ވަނީ ހިނގަމުންދާ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ކޭސްތައް މަދުނުވެ، ބަލިޖެހޭ ނިސްބަތް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ސިއްހީ މާހިރުން މައުލޫމާތު ދެއްވާ ގޮތުގައި ޕެރަމިކްސޯ ވައިރަސް އާއިލާގެ “މޯބިލިވައިރަސް” އިން އުފެދޭ މި ބައްޔަކީ ނޭވާލުމުގެ ނިޒާމުގެ ތެރެއިން ވަރަށް ހަލުވިކަމާ އެކު ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލިމީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ފެތުރޭ ވައިރަހުގެ ސަބަބުން، އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ނުރައްކާ އޮވެއެވެ. އާންމުގޮތެއްގައި ކުޑަކުދިންނަށް ބަލި ޖެހުނު ނަމަވެސް، މިއީ ހުރިހާ އުމުރުފުރާއަކަށް ވެސް ނުރައްކާ އޮތް ބައްޔެކެވެ.
މި ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ގައިގައި ނަގާ ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، އަދި ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ.

