
ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ޒަމާނީކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިގުތިސާދީ މަންފާ ހޯދުމުގެ މަގުސަދުގައި “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މުހިންމު ގިނަ ބަދަލުތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ މި ބިލު ފާސްވެއްޖެނަމަ، މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލެވޭނެއެވެ. އައު ބިލުގައިވާ ގޮތުން، ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް ރަށްތައް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް، އެ ނޫން ބޭނުންތަކަށް ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ކަނޑައެޅުމުގެ އިހުތިޔާރު އެ ކައުންސިލަކަށް ލިބިގެންވެއެވެ. އަދި ފަތުރުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތަކަށް ކައުންސިލެއްގެ ދަށުގައިވާ ރަށެއް ހަމަޖައްސައިފި ހިނދެއްގައި، އެ ރަށެއް ކައުންސިލްގެ އިހުތިސާސުން އުނިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ އަގުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ފަޅުރަށްތަކަށް ބަލާއިރު، އިގުތިސާދީ އަދި ސިނާއީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، ދަނޑުވެރިކަމާއި މަސްވެރިކަމަށް 2.50 ރުފިޔާ އަދި އިޖުތިމާއީ ކަންކަމަށް 2 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. ފަޅުތައް ކުއްޔަށް ދޭއިރު، އިގުތިސާދީ އަދި ސިނާއީ މަސައްކަތްތަކަށް އަހަރަކު އަކަމީޓަރަކަށް 3 ރުފިޔާ ނެގުމަށް ކަނޑައަޅާފައިވާއިރު، މަސްވެރިކަމަށް ފަޅުތައް ދޫކުރާނީ އަކަމީޓަރަކަށް 50 ލާރީގެ ރޭޓުންނެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ވެސް މި ބިލުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން އޭގެ ސަބަބުން ތިމާވެއްޓަށާއި ކައިރި މުޖުތަމައުތަކަށް ކުރާނެ އަސަރު ވަޒަންކުރުމާ އެކު، ރަށުގެ ގުދުރަތީ ސިފަތައް އެކަމަކަށް އެކަށީގެންވޭތޯ ބަލަންޖެހޭނެއެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެހެން ކަމަކަށް ބޭނުންނުކުރެވޭނެކަން ވަނީ ކަށަވަރުކޮށްފައެވެ.
އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް އަންނާނެހެން ފަރުމާކޮށްފައިވާއިރު، ކުއްޔަށް ދީފައިވާ ތަންތަނާ ގުޅޭގޮތުން ގާނޫނާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ޖާގަ ލިބިދެއެވެ. އަދި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކާއި އެނޫން ފަޅުރަށްތަކުގެ މައްސަލަތަކުގައި 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން އެއްބަސްވުމުގެ ދަށުން ވެސް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ.
ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު، ވަރުވާއަށް ލިޔެދީފައިވާ ރަށްތައް ފިޔަވައި އެހެން ފަޅުރަށްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ކައުންސިލްތަކުންނެވެ. އަދި މިފަދައިން އެކި ބޭނުންތަކަށް ދޫކުރެވޭ ރަށްތަކުގެ ލިސްޓެއް ކޮންމެ އަހަރަކު އެއްފަހަރު މާލީ ވުޒާރާއަށް ހިއްސާކުރަން ލާޒިމުވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

