
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، މާލެ ސަރަހައްދުގައި މަސައްކަތްކުރުމަށްޓަކައި މަހަކު 17،175 ރުފިޔާގެ އުޖޫރައެއް ލިބޭ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންސްޓަބަލްގެ 29 މަގާމަކަށް މީހުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ މަހުގެ 30ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެޕްލިކޭޝަނާއި ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ. ވަޒީފާއަށް އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑައެޅުމުގައި ބަލާނީ، ޖިސްމާނީ ދުޅަހެޔޮކަން ވަޒަންކުރުމަށް ދެވޭ ޓެސްޓުތަކާއި، ފެތުމާއި، ޕޮލިގްރާފް އަދި މެޑިކަލް އެގްޒަމިނޭޝަންގެ އިތުރުން އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތްތަކަށެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ، މަދުވެގެން ގްރޭޑް 10 ފުރިހަމަކޮށްފައިވާ ދިވެހިންނަށެވެ. މީގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓު 3 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު ހުރުމަކީ ލާޒިމު ކަމެކެވެ. ހަމައެހެންމެ، މިއީ ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކުރަންޖެހޭ ވަޒީފާއަކަށްވާތީ، އެކަމަށް އެކަށީގެންވާ ފުރިހަމަ ސިއްހަތެއްގައި ހުރި، އަޚުލާގު ރަނގަޅު ފަރާތަކަށްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފުލުހުންގެ ވަޒީފާއަކީ އިތުބާރާއި ޒިންމާދާރުކަން ބޮޑު މަސައްކަތަކަށްވުމާ އެކު، ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އެގޮތުން ބޮޑު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވުމުގެ އިތުރުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުމާއި އިންތިޚާބީ މަގާމެއްގައި ހުރި ފަރާތަކަށް ނުވުން ވެސް ވަނީ ޝަރުތުކޮށްފައެވެ. ކުށެއް ސާބިތުވެފައިވާ ފަރާތެއްނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފު ލިބުނުތާ ތިން އަހަރު ވެފައިވުން ވެސް ލާޒިމެވެ.

