
މަސްދޯނިފަހަރުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
އެ ފައިސާ އިއްޔެ ޖަމާކޮށްފައިވާ އިރު އޭގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން މަސްކިރުވާފައިވާއިރު މި ދޯނިތަކަށް ޖުމްލަ 1،397،565 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 15 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 1،352،995 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 2 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 10،320 ރުފިޔާ އާއި 2 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 34،250 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއަދުވެސް މިފްކޯއިން 10 ކިލޯއާއި 15 ކިލޯގެ މަސް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތި މަތި 25 ރުފިޔާއަށެވެ.

