
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި، އެ ރަށުގައި އަލަށް ގާއިމުކުރާ ބައިނަލްއަޤުވާމީ ބަނދަރުގެ ބިންގާ އަންނަ ޖުލައި މަހުގެ 6ވަނަ ދުވަހު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަށާ މި ބޮޑު މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، 2027ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބަނދަރުގެ ޚިދުމަތް ތިލަފުށިން ދޭން ފެށޭނެ ކަމަށެވެ.
މާލޭގެ ކޮމާޝަލް ޕޯޓަކީ މީގެ ހަތަރު ދިހަވަރަކަށް އަހަރު ކުރީގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައި ނެތް ކަމަށެވެ. ވައިގެ ބަނދަރުތައް ކުރިއަރައިގެން ދިޔަ ނިސްބަތާ އެއްވަރަށް ކަނޑުގެ ބަނދަރުތައް ތަރައްޤީކުރުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ވެސް އަމަލުކުރާ އުސޫލުކަމަށްވާއިރު، ރާއްޖޭގައި އެކަން އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނުކުރެވިކަން ސަޢީދު ފާހަގަކުރެއްވިއެވެ.
ތިލަފުށީގެ އައު ބަނދަރުގެ މަސައްކަތް ނިމެންދެން، މިހާރު މާލޭ ބަނދަރަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ވަޒީރު ދެއްވިއެވެ. އެގޮތުން، އެކި ފިޔަވަހިތަކަށް ބަހާލައިގެން މާލޭ ޕޯޓުގެ އޮޕަރޭޝަންތައް ލުއިކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ވިޔަފާރި ބަނދަރުތައް ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގެ ބަނދަރުތަކުގެ ވިޔަފާރި ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ކުޅުދުއްފުށީ ޕޯޓު ފުންކުރުމާއި ބިން ބޮޑުކުރުމުގެ އިތުރުން، ދެ ބަނދަރުގައި ވެސް ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އައްޑޫ ބަނދަރަށް އިތުރުކުރެވޭ އެއް ހެކްޓަރުގެ ބިމުގައި ސިނާޢީ ކުދި މަސައްކަތްތައް ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

