
ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް “ވިއްސާރަކިޓު” ޖަހާފައިވާ ކުދި ބަންޑަލްތަކެއް ލިބެމުންދާއިރު، މިއީ ކާކު ނުވަތަ ކޮން ބައެއްގެ ފަރާތުން ހިންގާ ހަރަކާތެއްކަން ނޭނގި ގިނަ ބައެއްގެ ސަމާލުކަން މިއަށް ވަނީ ހުއްޓިފައެވެ. މިއާއެކު ސޯޝަލް މީޑިއާގައި #ThoofaanAhnany (ތޫފާނެއް އަންނަނީ) ހޭޝްޓެގް ވަނީ ވަރަށް ބޮޑަށް ޓްރެންޑްވާން ފަށާފައެވެ.
ކޮންމެ ކިޓެއްގައި ކޯޓަކާއި، ކުޑައަކާއި، ވިއްސާރައިގެ ތީމަށް ތައްޔާރުކޮށްފައިވާ ސްޓިކާ ޝީޓަކާއި، ހެޑްބޭންޑެއްގެ އިތުރުން ވިލާގަނޑެއްގެ ސިފަޔަށް ހަދާފައިވާ ގަލަމަކާއި އިތުރު ބައެއް ސާމާނު ހިމެނެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރަމުންދާ މި ދަނޑިވަޅުގައި މިއީ ބޭނުންތެރި ތަކެތި ކަމަށްވީ ނަމަވެސް، މި ކިޓުތަކުގައި ކުންފުންޏެއްގެ ނަމެއް، ލޯގޯއެއް ނުވަތަ ގުޅޭނެ އެއްވެސް މައުލޫމާތެއް ހިމެނިފައެއް ނުވެއެވެ.
ނަމަވެސް، ކޮންމެ ކިޓެއްގެ ތެރޭގައި ކާޑެއް އޮވެއެވެ. އެ ކާޑުގައި ވިއްސާރައާ ގުޅޭ ކުރު ޅެންބައިތުކޮޅަކާއެކު ތިރީގައި ލިޔެފައިވަނީ އެންމެ ތާރީޚެކެވެ؛ 27 އޮގަސްޓް.
އެ ތާރީޚުގައި ވާންއުޅޭ ގޮތެއްގެ އެއްވެސް އިތުރު ތަފްސީލެއް ކާޑުގައި ދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ޚިޔާލުތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުން މިއީ މޫސުމަށް ސަމާލުވުމަށް ހިންގާ ހަރަކާތެއް ކަމަށް ބުނާއިރު، އަނެއްބަޔަކު ލަފާކުރަނީ މިއީ އާ އުފެއްދުމެއް އިސްތިހާރުކުރުން ނުވަތަ އާ ފިލްމެއް/ޑްރާމާއެއްގެ ޕްރޮމޯޝަނެއް ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން މިއިން ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ކިޓުތައް ބެހުމުގެ ޒިންމާ އަދި އެއްވެސް ކުންފުންޏަކުން ނުވަތަ ޖަމިއްޔާއަކުން ނަގާފައެއް ނުވެއެވެ. އަދި އިސްތިހާރު ކުރާ އޭޖެންސީއަކުން، ޕްރޮޑަކްޝަން ހައުސްއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ވެސް މިކަމުގައި ބައިވެރިވުމެއް ވާކަމަށް އެއްބަސްވެފައެއް ނުވެއެވެ.
މިއީ ރާއްޖޭގެ މާކެޓުގައި އާންމުކޮށް ކަންކަން އިސްތިހާރުކުރާ ގޮތާ ތަފާތު، ގޮތަކަށް ހިންގާ ހަރަކާތެކެވެ.
މިވަގުތަށް އެނގެން އޮތް ހަމައެކަނި މައުލޫމާތަކީ ކާޑުގައިވާ ތާރީޚެވެ. މި ކިޓުތަކުން އިޝާރާތްކުރާ ކަމެއްގެ ހަގީގަތް މާދަމާ ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.

