
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ މުނާސަބަތުގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ފަރުމާކޮށްގެން އެއްވަނަ ހޯދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖައްސައިފިއެވެ.
ތައުލީމީ ވުޒާރާއާއި އެ ސްކޫލުގެ އިސްދަރިވަރުންގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސުންގަޑި މި މަހުގެ 31ވަނަ ދުވަހަށް އިތުރުކޮށް، އެ ސްކޫލުގައި ކުރިން ކިޔަވާފައިވާ ދަރިވަރުންނަށާއި މިހާރު ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ފުރުސަތުގައި، ވަކިވަކި ފަރުދުންގެ އިތުރުން ޓީމުތަކަށް ވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތުން އެއްވަނައަށް އަންނަ ފަރުމާއެއް، ސްކޫލުގެ ގަރުނު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
ހުށަހަޅާ ލޯގޯތަކުގައި ކޮންމެހެން ހިމަނަންޖެހޭ މައިގަނޑު ކަންތައްތަކެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި، “1927-2027” މި މުއްދަތު އެނގޭނެހެން ލިޔެފައިވުމާއި، 100 އަހަރުކަން ބަޔާންކުރުމާއި، ސްކޫލުގެ ފަޚުރުވެރި މާޒީއާއި، އަމިއްލަވަންތަކަމުގެ އިތުރުން ކުރިމަގުގެ ތަސައްވުރު ދައްކުވައިދިނުން ހިމެނެއެވެ. ފަރުމާތަކަށް އިންސާފުކުރާނީ މަޖީދިއްޔާ ސްކޫލާއި އިސްދަރިވަރުންގެ ޖަމިއްޔާ (އެމްއެމްޑީޖޭ)އިން އެކުލަވާލާ މިނިވަން ފަނޑިޔާރުންގެ ޚާއްސަ ކޮމިޓީއަކުންނެވެ.
ލޯގޯތަކަށް މާކްސް ދިނުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ އުފެއްދުންތެރިކަމަށާއި ސައްތައިގެ ޝިއާރާ ގުޅޭ މިންވަރަށެވެ. އެގޮތުން މި ބަޔަށް 50 އިންސައްތަ މާކްސް ލިބޭއިރު، ފަރުމާގެ ފެންވަރާއި ސާފުކަމަށް 20 އިންސައްތަ، ބޭނުންކުރަން ފަސޭހަވާނެ މިންވަރަށް 15 އިންސައްތަ އަދި ސްކޫލުގެ ރަސްމީ އައިޑެންޓިޓީއާ ގުޅޭ މިންވަރަށް 15 އިންސައްތަ މާކްސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

