
މަސްތުވާތަކެތީގެ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން އިއްޔެ އަދި މިފިޔަ ބުދަ ދުވަހު ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައެވެ.
އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން.ކަރަންފޫގެ / ޏ. ފުވައްމުލައް، މުހައްމަދު އުމީން (19އ)އާއި ފަހިވާ / ހދ. ކުމުންދޫ، އައިޝަތު އަލީ (30އ)އެވެ.
އެ ދެމީހުން ހައްޔަރުކުރީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27ސެލޯފިންކޮޅު ފެނިގެންނެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59ގުރާމެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އުމީން 15ދުވަހަށް އަދި އައިޝަތު އަލީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުރަހަ / ހދ. ކުޅުދުއްފުށި، ހުސައިން ނައީމް (44އ)އާއި ބަންޑާރަހިޔާ 002ޕީ / ހދ.ކުޅުދުއްފުށި، އަބްދުއް ރަހުމާން މުހައްމަދު (45އ)އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30ސެލޯފިންކޮޅު ފެނިގެންނެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71ގުރާމެވެ. އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ

