
އައްޑޫ ސިޓީގެ ހިތަދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ހިދުމަތްތަކެއް ދެމުންދިޔަ “މައިލޯ ސިޓީ” ނަމަކަށް ކިޔާ ގެ، ކޯޓުން އަމުރަކުން ބަންދުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 156-2 ވަނަ މާއްދާގެ ދަށުން ނެރުނު މި އަމުރަކީ، މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނިންމި ދެވަނަ ފަހަރެވެ. މި ގެ ބަންދުކުރަން ނިންމީ، އެތަނަށް ގޮސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެކަމަށް މަގުފަހިވާނެހެން އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުންދާތީއާއި، އޭގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލި އާންމުންނަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ގެ ބަންދުކޮށްފައި ވަނީ މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށެވެ.
މަސްތުވާތަކެތި ވިއްކުމުގެ އިތުރުން، މި ގެއާއި މީގެ ވަށައިގެންވާ ސަރަހައްދުގައި މީހުން ރަހީނުކުރުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ވައްކަންކުރުން ފަދަ ބޮޑެތި ޖިނާއީ ކުށްތައް ހިންގާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަވެފައެވެ. މީގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް “މައިލޯ” ގްރޫޕާ ގުޅުންހުރި ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވިފައި ވަނީ 2017ވަނަ އަހަރުން ފެށިގެން އައްޑޫގައި ޑްރަގްގެ ނެޓްވޯކެއް ހިންގައި، އެތައް މިލިއަން ރުފިޔާއެއް ދައުރުކޮށްފައިވާ ކަމަށެވެ.
އައްޑޫގައި ކުށްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ހިތަދޫގައި ހަރަކާތްތެރިވާ “ސްކޫޕު” ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މަރަދޫފޭދޫގެ ގެއަކާއި، ކުށްވެރިން އެއްވެއުޅޭ ހިތަދޫގެ އިތުރު ގެއެއް ވެސް 90 ދުވަހަށް ބަންދުކުރުމަށް ދާދި ފަހުން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

