
މައްސަރުކަންތައްތަކުގައި ނުވަތަ ޕީރިއަޑްވުމުގައި އާދަޔާޚިލާފަށް ގިނައިން ލޭފޭބުމަކީ ސިއްހީ ބޮޑު މައްސަލައެކެވެ. ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރާ މިންވަރަށް ޕީރިއަޑްގައި ލޭފޭބުމަށް ޑޮކްޓަރުން ކިޔަނީ “ހެވީ މެންސްޓްރުއަލް ބްލީޑިންގ”އެވެ. މިއީ ސިއްހީ ބޮޑު މައްސަލައެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ލަފާކުރާ ގޮތުގައި، ދަރިމައިވުމުގެ އުމުރުގެ އަންހެނުންގެ ތެރެއިން 10 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މީހުންނަށް އެލްސްޓަން ފަދައިން މި މައްސަލަ ދިމާވެއެވެ. ނަމަވެސް، މިކަން ރިޕޯޓުކުރާ މިންވަރު މަދުވުމާއި، ގިނައިން ލޭފޭބުމަކީ ކޮބައިކަން އާންމުކޮށް ނޭނގުމުގެ ސަބަބުން، ހަގީގަތުގައި މި މައްސަލަ ދަރިމައިވުމުގެ އުމުރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ދިމާވާކަމަށް ބައެއް ދިރާސާތަކުން ލަފާކުރެއެވެ. އާދަޔާޚިލާފަށް ލޭފޭބުމަކީ އެހެނިހެން ސިއްހީ މައްސަލަތަކުގެ އަލާމާތަކަށް ވުމުގެ އިތުރުން، ފަރުވާނުދެވިއްޖެނަމަ އެނީމިއާ ފަދަ ނުރައްކާތެރި ހާލަތްތަކަށް މަގުފަހިކުރުވާ ކަމެކެވެ.
އެހެންނަމަވެސް، މި މައްސަލައިގެ ސަބަބުން ދިމާވާ ގެއްލުންތަކަށް ފުންކޮށް ދިރާސާކޮށް، ރަނގަޅު ފަރުވާތަކެއް ހޯދުމުގެ މަސައްކަތް ދިރާސާކުރާ ފަރާތްތަކުން ފަށާފައި ވަނީ ވަރަށް ފަހުންނެވެ. ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ގައިނަކޮލޮޖިސްޓް އަދި “ދަ މިސްޑް ވައިޓަލް ސައިން” ދިރާސާ ޕްރޮގްރާމްގެ ޑިރެކްޓަރ ޖެކީ މޭބިން ވިދާޅުވާ ގޮތުގައި، “އަންހެނުންނަށް ދިރާސާގެ އެތައް އަހަރުތަކެއް ނުވަތަ ދަހަރުތަކެއްގެ ހައްގު ގެއްލިފައިވުން އެކަށީގެންވެއެވެ. އަދި އަހަރެން ދެކޭ ގޮތުގައި މިހާރަކީ އެކަން ކުރަންވީ ވަގުތެވެ.”
ގިނައިން ލޭ ފޭބުމަކީ ކޮބާ؟
ދިރާސާކުރާ ފަރާތްތަކުން ކަނޑައަޅާ ގޮތުގައި، އާދަޔާޚިލާފަށް ގިނައިން ލޭފޭބުމަކީ ޕީރިއަޑްގެ އެއް ސައިކަލްގައި 80 މިލިލީޓަރަށްވުރެ ގިނައިން ލޭ ބޭރުވުމެވެ. އަދި 7 ދުވަހަށްވުރެ ގިނަ ދުވަހަށް ޕީރިއަޑް ދެމިގެންދިއުމެވެ. ނަމަވެސް ޕީރިއަޑްވާ މީހުންނަށް، ލޭ ފައިބާ މިންވަރު އަމިއްލައަށް ވަޒަންކުރާނެ ހަމަޖެހޭ މިންގަނޑެއް ނޯވެއެވެ. ފާޚާނާއަށްދާ އަދަދާއި، ޕެޑް ނުވަތަ ޓެމްޕޮން ބަދަލުކުރާ އަދަދާއި، ލޭ ހޭކިފައިވާ ޖަނގިޔަލުގެ އަދަދަކީ ކަނޑައެޅިފައިވާ މިންގަނޑުތަކެއް ނޫނެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯގެ ޑިޕާޓްމަންޓް އޮފް ގައިނަކޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ރިޕްރޮޑަކްޓިވް ސައިންސަސްގެ ކްލިނިކަލް ޕްރޮފެސަރ އެޑްވޯ ކްރިސްޓީ ވިދާޅުވާ ގޮތުގައި، “ބައެއް ފަހަރު އަންހެނުންނަށް އެމީހުންގެ މައްސަރު ދުވަސްވައރު ގިނައިން ލޭފޭބުމަކީ އާދައިގެ ކަމެއް ނޫންކަން ނޭނގެއެވެ. އަދި ހަގީގަތުގައި މިއީ ފަރުވާކުރެވިދާނެ ކަމެއްކަން ވެސް ނޭނގެއެވެ.”
ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ އެމެރިޓަސް ޕްރޮފެސަރ އަދި އޭޝިއަން ސޮސައިޓީ އޮފް އެންޑޯމެޓްރިއޯސިސް އެންޑް އެޑިނޯމަޔޯސިސްގެ އިސްވެރިޔާ ހެމަންތަ ސެނެނަޔަކެ ވިދާޅުވާ ގޮތުގައި، “އަހަރެން ދެކޭގޮތުގައި މި ވޭނަށް ޝަކުވާނުކޮށް، އެކަން ތަހައްމަލުކުރާ އެތައް ބަޔަކު އުޅެއެވެ. އެ ތަދަކީ އާދައިގެ ކަމެއްކަމަށް ގަބޫލުކުރެވިފައިވުމާއި ލަދުވެތިކަމުގެ ސަބަބުން ޑޮކްޓަރަށް ނުދާ މީހުން ވަރަށް ގިނައެވެ.”
މިއީ ހަމައެކަނި އަލާމާތެއް ނޫން
އާދަޔާޚިލާފަށް ލޭފޭބުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ވުމުގެ އިތުރުން، އެއީ އެހެން ބޮޑެތި މައްސަލަތަކެއްގެ އަލާމާތެކެވެ. މީގެ ތެރޭގައި ޕޮލިޕްސް، ފައިބްރޮއިޑްސް، ކެންސަރު، ލޭގެ ބަލިތައް، އޯވަރީގެ މައްސަލަތައް އަދި އެންޑޯމެޓްރިއޯސިސް ހިމެނެއެވެ. މީގެ އިތުރުން، ޕީރިއަޑްވާން ފަށާ ދުވަސްވަރާއި މައްސަރުކަންތައް ހުއްޓޭ (މެނޯޕޯޒް) ދުވަސްވަރުގައި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މިކަން އާންމުކޮށް ކުރިމަތިވެއެވެ.
ފަރުވާގެ ސަބަބުން ލޭފައިބާ މިންވަރު މަދުކުރެވުނު ނަމަވެސް، މި ބަލިތަކުގެ ސަބަބުން ލޭފައިބާ މިންވަރު އިތުރު ވަނީ ކީއްވެގެންކަން ސައިންސްވެރިންނަށް އަދިވެސް ސީދާ ބުނެދޭކަށް ނޭނގެއެވެ. ޖެކީ މޭބިން ފާހަގަކުރައްވާ ގޮތުގައި ފައިބްރޮއިޑްސްއާ (ރަހިމުގެ މަސްގަނޑުގައި އުފެދޭ ކެންސަރު) ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރެވިފައިވީ ނަމަވެސް، އޭގެ ސަބަބުން ގިނައިން ލޭ ފައިބަން މެދުވެރިވާ ސަބަބުތައް އަދިވެސް ހޯދިފައެއް ނުވެއެވެ.
މީގެ އިތުރުން މި ބައްޔަށް ފަރުވާނުކޮށް ދޫކޮށްލުމުން ދަގަނޑުގެ މާއްދާ ނުވަތަ އަޔަން ހަށިގަނޑުން މަދުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަޔަން އަކީ ސެލްތަކާއި، ދިފާއީ ނިޒާމާއި، މަސްތަކާއި، ހަމާއި، އިސްތަށި އަދި ނިޔަފަތީގެ ސިއްހަތު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. އަޔަން މަދުވާން ފެށުމުން، ސިކުނޑި ސާފުނުވުމާއި (ބްރެއިން ފޮގް)، އަނބުރައިގަތުމާއި، ނޭވާލާން އުނދަގޫވުމާއި، ފަސޭހައިން ގައިގައި ނޫފައިގަތުމާއި، އިސްތަށި ފޭބުން ފަދަ ކަންކަން މެދުވެރިވެއެވެ.
މިގޮތުން، ދިރާސާތަކުން ދައްކާ ގޮތުގައި މި މައްސަލަ ހުންނަ އަންހެނުންގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް އަޔަން ޑެފިޝިއެންސީ ދިމާވެއެވެ. މިއަށް ފަރުވާނުދެވިއްޖެނަމަ، މިއީ އެނީމިއާއަށް ބަދަލުވެ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ ހީމޯގްލޯބިން އުފެއްދުމަށް ބޯން މެރޯގައި އެކަށީގެންވާ ވަރަށް އަޔަން ނުހުންނަ ހާލަތަކަށް ދެއެވެ. މިއީ ނުރައްކާތެރި ހާލަތެކެވެ. ބައެއް ފަހަރު މިއީ ލޭ އަޅަންޖެހޭ ހިސާބަށް ވެސް ދާ ކަމެކެވެ.

