
މާލޭގެ އަމީނީ މަގުގެ ހާބަރު ފުޑްކޯޓު ހިމެނޭ ސަރަހައްދުގެ ތާރުގަނޑު ހަލާކުވެ ދުއްވާ އުޅަނދުތަކަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، އެ ސަރަހައްދު އަލުން ހަދައި މަރާމާތުކުރުމަށްޓަކައި މިރޭ ދަންވަރުން ފެށިގެން އެ މަގު ބަންދުކުރަން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި މަގު ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 12:00ގައި ކަމަށެވެ. މަގު ބަންދުކޮށްގެން މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ޚާއްޞަ ޓްރެފިކް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި ބަދަލުތައް ދެމިއޮންނާނީ މަސައްކަތުގެ ފުރަތަމަ ބައި ނިމެންދެނެވެ.
އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް 2026 އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް… pic.twitter.com/7a0P2oQOpw
— Maldives Police (@PoliceMv) August 2, 2026
މި މަސައްކަތް ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ. ސަބަބަކީ އުޅަނދުތައް އެތަނުގައި ހުރިނަމަ މަގު ހެދުމުގެ މަސައްކަތަށާއި، ދުއްވާ ތަކެތީގެ ހަރަކާތްތަކަށް ހުރަސްއެޅޭނެތީއެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށް ދަތިނުވާނެހެން ދަތުރުފަތުރުގެ ކަންކަން ރޭވުމަށާއި، ލަސްވުންތަކުން ސަލާމަތްވުމަށް ބަދަލު މަގުތައް ޚިޔާރުކުރުމަށް ފުލުހުން ވަނީ ލަފާދީފައެވެ. އަދި ވަގުތީ ގޮތުން ބަހައްޓާފައިވާ ޓްރެފިކް ބޯޑުތަކާއި ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އަމީނީ މަގުގެ ހުޅަނގުކޮޅު، ޚާއްޞަކޮށް ފުޑްކޯޓު ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެ، ތާރުގަނޑު އުފުލިފައިވުމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ވަނީ ގޮސްފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ގިނަ ބައެއްގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

