
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެކި ދާއިރާތަކުގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯޓުލުން، ވާދަވެރިކަން ބޮޑު 131 ރަށެއްގައި ކުރިއަށްދާނެއެވެ. މި އިންތިޚާބުގެ މައިގަނޑު މަޤުޞަދަކީ އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިނުވާ 20 ދާއިރާއަކަށް ރައީސުން ހޮވުމާއި، ޕާޓީގެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ނައިބު ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަނުކުރުމެވެ. މުޅި މި އިންތިޚާބު ނިމޭއިރު ޕާޓީގެ އެކި ފަންތީގެ 2،000 އަށްވުރެ ގިނަ މަޤާމަށް މެންބަރުން އައްޔަނުކުރެވިގެންދާނެއެވެ.
ވެރިރަށް މާލޭގައި ދިރިއުޅޭ މީހުންނަށް ވޯޓުލުމުގެ އިންތިޒާމުތައް ވަނީ އެކި ސްކޫލްތަކުގައި ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ ރަށްވެހިން އަމީނިއްޔާ ސްކޫލްގައި ވޯޓުލާއިރު، އަތޮޅުތެރޭގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ އިސްކަންދަރު ސްކޫލްގައެވެ. މީގެ އިތުރުން ވިލިމާލޭގެ ދާއިރާތަކުގެ ވޯޓުފޮށި މުޙްޔިއްދީން ސްކޫލްގައި އަދި ހުޅުމާލޭގެ ވޯޓުފޮށި ރެހެންދި ސްކޫލްގައި ވަނީ ބަހައްޓާފައެވެ.

