
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ހުންނަ “އޮތެންޓިކް މޯލްޑިވްސް”ފިހާރަ ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ)އާ ޓާމިނަލުގައި ޤާއިމުކޮށްފައިވާ “އޮތެންޓިކް މޯލްޑްވްސް”ގެ ފިހާރަ ބޮޑު ބަދަލެއް ގެނެސް ޒަމާނީ ތަނަވަސް ތަނެއްގެ ގޮތުގައި އަލުން ހުޅުވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހި އުފެއްދުންތަކާއި އަމިއްލަ ފަންނުވެރިންގެ މަސައްކަތްތައް ބައިނަލްއަގުވާމީ މާރުކޭޓަށް ނެރެދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހާއްސަ އިރުޝާދުގެ ދަށުން މި ފިހާރައިގެ ޖާގަ ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
ކުރިން 60އަކަމީޓަރުގެ ޖާގައެއްގައި ހިންގަމުން އައި މި ރީޓެއިލް ފިހާރައިގެ ޖާގަ މިހާރު ވަނީ 150އަކަމީޓަރަށް ބޮޑުކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުފައްދާ އުފެއްދުންތަކަށް އިތުރު ފުރުސަތުތައް ލިބި، ދިވެހި ކްރިއޭޓިވް އިންޑަސްޓްރީއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ)ކުރިއެރުވުމަށް މަގުފަހިވާނެކަން ސައީދު ފާހަގަ ކުރެއްވިއެވެ.
މި ބަދަލާއެކު ޒަމާނީ ފިހާރައިން ދިވެހިވަންތަ ތަފާތު އުފެއްދުންތައް ފެންނަން ހުންނާނެ ކަމަށާއި، މިއީ ރާއްޖެ ފުރައިގެންދާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ފަސޭހައިން ލިބޭނެ މުހިންމު ހަބަކަށް ވެގެންދާނެއެވެ.

